ޗައިނާގެ ޓިއާންޖިންގައި މިއަދު ބޭއްވުނު “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމައު އެއްބައިވަންތަވުމަށް ގޮވާލައްވައިފިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އަރުވާފައިވެއެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އިސްނެންގެވުމާއެކު ބޭއްވުނު މި ބައްދަލުވުން ފެށުނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ތައާރަފުގެ ވާހަކަފުޅަކުންނެވެ. އެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ސުލްހަމަސަލަސްކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއަކީ ހަރުދަނާ އަދި ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ޗައިނާއާއެކު އޮތް ޒަމާންވީ އެކުވެރިކަމާއި، މޫސުމާބެހޭ ލަނޑުދަނޑިތަކާއި، “މޯލްޑިވްސް 2.0” ޑިޖިޓަލައިޒޭޝަން އެޖެންޑާއަށް ބަދަލުގެންނަން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގްލޯބަލް ގަވަނަންސް އިނިޝިއޭޓިވްއަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
“އެސްސީއޯ ޕްލަސް” އަކީ ސަލާމަތާއި، އިގްތިސާދީ އެއްބައިވަންތަކަމާއި، ދުނިޔޭގެ ހިންގުމުގައި ހިއްސާވާ މައްސަލަތައް ހައްލުކުރުމަށް އެސްސީއޯގެ މެމްބަރު ގައުމުތަކާއި، ޕާޓްނަރު ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތައް އެއްބައިވަންތަކޮށް، މަޝްވަރާ ކުރުމަށް އުފައްދާފައިވާ އިތުރު ފޯރަމެކެވެ.

