ތ. ވަންދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނުގެ ވަފުދަކުން ވަންދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ވިދާޅުވިއެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު ހަވާލުކުރެވުނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 9 މިލިއަން ރުފިޔާއަށެވެ.
އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.
މި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

