ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސެގްމެންޓު 1 ގައި ހިމެނޭ ސަރަހައްދުގެ ކޮންކްރީޓް ޖެޓީ ތަޅާލުމަށްފަހު، މަގު ފުޅާ ކުރުމަށް ބޭނުންވާ ފަޅުގެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
144 މިލިއަން ރުފިޔާއަށްވުރެ ބޮޑު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އޮގަސްޓް 22 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް އެމްޓީސީސީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ މިއަދު އެ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް އެ ސަރަހައްދުގެ 72 މީޓަރުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށި ބޭރަށް ޖެއްސުމަށްޓަކައި ކޮންކްރީޓް ޖެޓީ ތަޅާލުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގެއް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ ތެރޭގައި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެއެވެ.
އެމްޓީސީސީން ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެކްސެސިބިލިޓީ ރަނގަޅުވެ، ޓްރެފިކް ތޮއްޖެހުމަށް ލުޔެއް ލިބިގެންދާނެއެވެ. އަދި ސްޓޯމްވޯޓާ ޑްރޭނޭޖްގެ އާ ނިޒާމެއްގެ ސަބަބުން ބޯކޮށް ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.

