ގދ. ގައްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ވަށައިގެން ބައުންޑަރީ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން ބުނި ގޮތުގައި މި މަޝްރޫޢަކީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގައްދޫގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރެވިގެންދާނެއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތްތައް ވަނީ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިގޮތުން ގިނަ ރަށްތަކެއްގައި އެފްއާރުސީ އިމާރާތްކުރުމުގެ މަސައްކަތް ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅު ކަމުގައިވާ، ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ބައެކެވެ.
މި މަޝްރޫޢުތައް ފުރިހަމަވުމުން ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

