އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން\ ހާމަކޮށްފިއެވެ.
އާރްޑީސީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ވަގުތު ޖަވާހިރު މަގުގައި ދުވާރު ލެވެލް ކުރުމާއި ގާ ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ ކުރިން، މިދިޔަ މަހުގެ 11 ވަނަ ދުވަހު އާރްޑީސީން ދިން އަޕްޑޭޓްގައި ފާހަގަކޮށްފައިވަނީ ގެވެހި މަގާއި ޖަވާހިރު މަގުގައި މަގުބައްތިތަކަށް ކޭބަލް ގުޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހެދޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަން އާރްޑީސީން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށްޓަކައި ސްޓޯމް ވޯޓަރ ސިސްޓަމަކާއި ޕަމްޕް ސްޓޭޝަނެއް އެ ރަށުގައި ޤާއިމްކުރެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް ކުރާ މި މަޝްރޫޢަކީ މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތެކެވެ.

