ހއ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހުގެ މެދުތެރެއަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރަމުންދާ މި މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މިސްކިތުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކާއި، ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްތަކެވެ. އަދި މަރުކަޒުގައި ހަދާ ލައިބްރަރީއަށް ފޮތް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
50 މިލިއަން ރުފިޔާގެ އަގުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގަވެސް މި މަރުކަޒުގައި ހިމެނެއެވެ.
7000އެއްހާ މީހުން ދިރިއުޅޭ ދިއްދޫގައި މިވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރު ނަމާދު ކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެވެ. އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒު ހުޅުވުމުން، މިސްކިތުގެ ޖާގައިގެ މައްސަލަ ހައްލުވެ، ޚާއްޞަކޮށް އަލަށް މީހުން އާބާދުވަމުންދާ ހިއްކި ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް ވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށް ވަނީ ރޭވިފައެވެ.

