ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އޯގަސްޓް މަހު ވޭޕާ ގުޅުންހުރި 11 މައްސަލައެއް ރިކޯޑުކޮށް، އެކި މައްސަލަތަކުގައި 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަތަކުގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕްއާއި އެފަދަ އާލާތްތައް ގެންގުޅުމުގެ 4 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައެއްގެ އިތުރުން ވޭޕާ ގުޅޭ އެހެނިހެން 3 މައްސަލަ ހިމެނެއެވެ. މި މައްސަލަތަކުގައި ޖުމްލަ 150،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކުރެވިފައެވެ.
ޖޫރިމަނާގެ ތަފްސީލަށް ބަލާއިރު، ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 16 މައްސަލައެއްގައި 65،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރުމުގެ 14 މައްސަލައެއްގައި 85،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙާ ގުޅިގެން، ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުން، ވިއްކުން އަދި ހިލޭ ބެހުން ވަނީ މަނާކުރެވިފައެވެ. މި ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމު ރައްޔިތުންނަށް ޤާނޫނަށް ގެނެވުނު ބަދަލުތަކަށް ހޭލުންތެރިވެ، މިފަދަ ޤާނޫނީ ކުށްތަކަށް އަރައިނުގަތުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް މިފަދަ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމުގެ ސަބަބުން އިތުރު 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަން ފާހަގަކޮށްފައިވެއެވެ.

