ނިދީގައި ވާހަކަދެއްކުން، މިއީ ބައެއް މީހުންނަށް ވަރަށް މަޖާ ކަމެކެވެ. ރޭގަނޑުގެ ނިދީގައި ތިމާގެ އެކުވެރިޔާ ނުވަތަ ތިމާގެ މީހާ ނުވަތަ ބައިވެރިޔާ، ނިދީގައި ވާހަކަ ދައްކަން ފެށުމުން އޭނާގެ ސިއްރުތައް އަހާ ވާހަކަ، އަނެއް ދުވަހު ރައްޓެހިން ގާތު ކިޔައި ހީނ ހަދައެވެ. ބައެއް މީހުން އެއްބައިވެގެން ނިދީގައި ވާހަކަ ދައްކާމީހާއަށް ފާރަލައި އޭނާ ނިދިހަރުވުމުން އޭނާއާ ވާހަކަދައްކައި ބައެއްކަހަލަ އަމިއްލަ ސިއްރުތައް އޮޅުންފިލުވައެވެ. އަދި އަނެއްބައި މީހުން މަލާމާތަކަށް ހަދައި ބަލިމީހެކޭ ކިޔައި ނިދީގައި ވާހަކަ ދައްކާމީހާއަށް ބަސްބުނެ ޖެއްސުން ވެސްކުރެއެވެ.
އެހެންނަމަވެސް މިއީ މަޖަލަށް ސަމާސާއަކަށް ހަދާ ކަހަލަ ކަމެއް ނޫނެވެ. ސިއްހީ އެއްވެސް ކަމަކީ ސިއްހަތާއި ހަށިގަނޑާ ގުޅުން ހުންނަ އެއްވެސް ކަމަކީ މަޖަލަކަށް ހަދައިގެން ވާ ކަަހަލަ ކަންކަމެއްނޫނެވެ. އަމުދުން ނިދީގައި ވާހަކަދެއްކުމަކީ ހުރިހާ ފަހަރު ސީރިއަސް ނުވިޔަސް، ހުރިހާ ފަހަަރަކު އާދައިގެ ކަމަކަށް ހަދާކަހަލަ ކަމެއްވެސް ނޫނެވެ. ބައެއް ހާލަތްތަކުގައި މިއީ ސީރިއަސް ވާން ޖެހޭ ޑޮކްޓަރީ ފަރުވާ ހޯދަން މަޖުބޫރުވާ ކަމެކެވެ.
ނިދީގައި ވާހަކަދެއްކުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި މިކަން އާންމުކޮށް ފެންނަ ކަމެކެވެ. 3 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 50 ޕަސެންޓް ކުދިންނަށް މިކަން ދިމާވެއެވެ. އަދި ބޮޑެތި މީހުންގެ ތެރެއިން 5 ޕަސެންޓް މީހުންނަށްވެސް މިކަން ދިމާވެއެވެ.
ނިދީގައި ވާހަކަދެއްކުމަކީ ފިރިހެނުންނާއި އަންހެނުންގެ މެދުގައިވެސް އެއްވަރަކަށް ފެންނަ ކަމެކެވެ. އަދި ސިއްހީ މާހިރުންގެ ނަޒަރުގައި، އެކި ދިރާސާތަކުން ދައްކާގޮތުގައި މިއީ ވާރުތަވެގެން އަންނަ ސިފައެއް ކަމަށްވެސް ބެލެވެއެވެ. ގިނަ މީހުން ނިދީގައި ދައްކަނީ އާންމު ދިރިއުޅުމުގެ ވާހަކަތަކާއި، އެދުވަހެއްގެ ހަރަކާތްތަކުގެ ވާހަކައެވެ.
ނިދީގައި ވާހަކަދައްކާ މީހުން ގިނައިން ދައްކަނީ އާންމު ދިރިއުޅުމުގެ ވާހަކަތަކާއި، އެދުވަހެއްގެ ހަރަކާތްތަކުގެ ވާހަކައެވެ. ބައެއް މީހުން އަޑުނީވޭވަރަށް މަޑުން ވާހަކަދައްކާއިރު، އަނެއްބައި މީހުން ސާފުކޮށް ވާހަކަދައްކައެވެ. އަދި ބައެއްފަހަރު ދައްކާ ވާހަކައަށް ޖަވާބުދިނުމުން އިތުރަށް ވާހަކަ ކުރިއަށްގެންދެއެވެ. މިކަމުގައި އެންމެ ނުރައްކާތެރި ކަމަކީ މީހާގެ ސިއްރުތައް ހާމަވެދާނެ ކަމެވެ.
އާންމުގޮތެއްގައި ނިދީގައި ވާހަކަދެއްކުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މިއީ ސީރިއަސް ނިދީގެ ބައްޔެއްގެ ނުވަތަ ޞިއްޙީ މައްސަލައެއްގެ ނިޝާނަކަށް ވެދާނެއެވެ. ވަކިން ޚާއްޞަކޮށް ބޮޑެތި މީހުންގެ ތެރެއިން ކުއްލިއަކަށް ނިދީގައި ވާހަކަދައްކަން ފަށައިފިނަމަ، ނުވަތަ ބިރުވެރިކަމާއެކު ހަޅޭއްލަވައި، އަނިޔާވެރި ޢަމަލުތައް ހިންގަން ފަށައިފިނަމަ، ނިދީގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ނިދީގައި ވާހަކަދެއްކުމަކީ ޑިޕްރެޝަން، ހިތްހަމަނުޖެހުން އަދި ހައްލުނުކުރެވި ހުންނަ މައްސަލަތަކުގެ ސަބަބުން ދިމާވާ ކަމެކެވެ. މީގެ އިތުރުން ނިދި މަދުވުމާއި، ބައެއް ބޭސްތަކުގެ ސަބަބުންވެސް މިކަން ދިމާވެދާނެއެވެ. އަދި ޖެނެޓިކް ގޮތުން ވާރުތަވާ ކަމެއްގެ ގޮތުގައިވެސް މިކަން ދިމާވެދާނެއެވެ.
މިކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު އަވަހަށް ކެއުން، ކެފެއިން މަދުކުރުން، އަދި ނިދުމުގެ ކުރިން ހަށިގަނޑަށް އަރާމު ލިބޭފަދަ ކަންކަން ކުރުން ހިމެނެއެވެ. ބައެއް ފަހަރު މިއީ އެއްވެސް ފަރުވާއެއް ނުކޮށްވެސް ރަނގަޅުވެދާނެ ކަމެކެވެ. އެހެންނަމަވެސް މިކަން ވަރަށް ގިނައިން ދިމާވާނަމަ، ނުވަތަ އެހެން ނިދީގެ މައްސަލަތަކާއެކު ދިމާވާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

