ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިޔަށްދިޔައީ ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން ބަދަހިކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިގުތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއް ދެވުނު އެއް ކަމަކީ ދެޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމެވެ. މި ގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ. މިފަދަ ގުޅުންތައް ބަދަހިވުމަކީ ދެޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކެއް ކަމުގައި ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

