ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލު ދިރާސާކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެ ކޮމިޓީ ސިއްރުކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ސިއްރުކުރަން ހުށަހެޅި ވަކި ސަބަބެއް ޝަރީފް ވިދާޅެއްނުވެއެވެ.
ބައްދަލުވުން ސިއްރު ކުރަން ކޮމެޓީގެ ނައިބު މުޤައްރިރު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި ހުށަހެޅުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވަނީ ތާއީދުކުރައްވައި، ކޮމެޓީން ވަނީ ބައްދަލުވުން ސިއްރުކުރުމަށް ފާސްކޮށްފައެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލް ހުށަހެޅުއްވީ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ.
ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމުގައިވާ “އަސާސީ ހައްގުތަކާއި މިނިވަންކަން” އެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށާއި ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގޭނެ ކަމަށް ބިލްގައިވެއެވެ.
މި ބިލުގައިވާ ގޮތުން، ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހާއި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.
ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އީސީއަށް ބިލްގައި ވަނީ ލާޒިމްކޮށްފައެވެ.

