ގއ. ކަނޑުހުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ސްޕޯޓްސް ފިއެސްޓާ 2025” ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅުނު ފުޓްސަލް މެޗެއްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އިބްރާހިމް (ކައްޕި) އަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ.
ފިއެސްޓާ ހޯސްޓްކުރާ އާރްޑީ ސްޕޯޓްސް ކްލަބުގެ ރައީސް އިފްނާން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަނިޔާވީ ފިއެސްޓާ ހުޅުވުމުގެ ގޮތުން ބޭއްވި ޚާއްސަ މެޗެއްގައި ކައްޕި ކުޅެމުން ދަނިކޮށެވެ. މި މެޗަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޒަމާނުގެ ލެޖެންޑް ކުޅުންތެރިން ހިމެނޭ ޓީމަކާއެކު ކުޅުނު މެޗެކެވެ.
ކައްޕިއާއެކު މި މެޗުގައި ބައިވެރިވި ލެޖެންޑް ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، އިމްރާން މުޙައްމަދު، މުޙައްމަދު އުމައިރު އަދި އަލީ ޝިޔާމް (ހުރާ އައްޔަ) ފަދަ ނަންހިނގާ ކުޅުންތެރިން ހިމެނެއެވެ. އަދި ކަނޑުހުޅުދޫއަށް އުފަން ކުރީގެ ގައުމީ ކުޅުންތެރިޔާ ފަރީދު މުޙައްމަދު (ފަރިއްޓޭ) ވެސް ވަނީ މި މެޗުގައި ބައިވެރިވެފައެވެ.
މެޗުގައި އަނިޔާވި ކައްޕިއަށް ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަވަސް ސާޖަރީއެއް ކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކައްޕިގެ ފައިގެ މައިނާރު ވަނީ ކަނޑައިގެން ގޮސްފައެވެ. އަދި މި އަނިޔާއިން ފަސޭހަވުމަށް މަސްދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.
ކަނޑުހުޅުދޫ ކައުންސިލާއި އާރްޑީ ސްޕޯޓްސް ކްލަބު ގުޅިގެން ބާއްވާ މި ފިއެސްޓާގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކުޅިވަރުގެ ރޫޙު އާލާކޮށް، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ. އަދި ލެޖެންޑުންގެ މެޗް ބޭއްވުމުގެ މަޤްޞަދަކީ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމެވެ.

