ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ފުރިހަމަ އެއްބާރުލުމާއެކު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕް އަންނަ ޑިސެންބަރު މަހަށް ތާވަލްކޮށް އެ މުބާރަތް އިފްތިތާހު ކޮށްފިއެވެ.
މިއީ 2014 ވަނަ އަހަރަށްފަހު ރާއްޖޭގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ފަހުކޮޅު ބާއްވާ މި މުބާރާތް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 2-7 ގެ ނިޔަލަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ ބާސެލޯ ނަސަންދުރާގައެވެ.
އިއްޔެ ހެންވޭރު ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ފާހަގަކުރެއްވީ މިފަހަރުގެ މުބާރާތް ވެގެންދާނީ، މިހާތަނަށް އެންމެ ގިނަ އެތުލީޓުން ބައިވެރިވި ކެރަމް ވޯލްޑް ކަޕަށެވެ.
މި ރަސްމީޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ މުބާރާތުގެ ސަބަބުން ރާއްޖެއަށް އަލަށް ތަޢާރަފުވަމުން އަންނަ ސްޕޯޓްސް ޓޫރިޒަމް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެގެން ދިއުމަށް ބާރަކަށް ވާނެ ކަމަށާއި ރާއްޖެއަކީ މީގެކުރިންވެސް ކެރަމް މުބާރާތްތަކުން ރަންވަނަތަކެއް ހޯދި ގައުމެއްކަމަށެވެ. އަދި މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ކުޅިވަރު އެންމެ އުސް ހަރުފަތަށް އެރުވުމާއި ރާއްޖެއަކީ މިފަދަ ކުޅިވަރު މުބާރާތްތައްތައް ބޭއްވޭނެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުންކަމަށް ވެސް ވަނީ ވަޒީރު ވިދާޅުވެފައެވެ
ރާއްޖޭގައި 2014 ވަނަ އަހަރުވެސް ވަނީ ކެރަމް ވޯލްޑްކަޕް ބާއްވާފައެވެ. ސަން އައިލެންޑް ރިސޯޓުގައި އެފަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އިތުރުން ކެރަމްގެ ވަރުގަދަ ގައުމުތަކަކުން ބައިވެރިވިއެވެ.

