މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ތަރައްޤީކުރަމުންދާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ނިމުމަކަށް އައިސްފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޕީއެލްއިން ތަރައްޤީ ކުރާ މި ކޮންޓައިނަރ ޑެޕޯއަކީ 2000 ކޮންޓެއިނަރުގެ ޖާގައިގެން ތަނެކެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ބުނީ، ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ.
އެގޮތުން 2000 ކޮންޓެއިނަރުގެ ޖާގަ ހިމެނޭ މި ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓަކާއި 15 މީޓަރުގެ އިތުރު ތޮށްޓެއް ލުމުގެ މަސައްކަތުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ.
އެމްޕީއެލްގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ނިމުމާއެކު ދެން ކުރިއަށްގެންދާނީ ވޯކްޝޮޕަކާއި އޮފީސް އިމާރާތެއް އެޅުމުގެ އިތުރުން ލައިޓް ޕޯސްޓްތައް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ނިންމުމަށް އަމާޒުކުރެވިފައިވަނީ އަންނަ ތިން މަސްދުވަހުގެ ތެރޭގައެވެ.
މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކާއި، ނޯތު ހާބަރު އަދި ޓީ-ޖެޓީގެ މަސައްކަތްތައްވެސް ތިލަފުށްޓަށް ބަދަލުކުރެވޭނެއެވެ.
އެމްޕީއެލްއިން ބުނީ، މި މަޝްރޫޢުގެ ދެ ފިޔަވަހީގެ މަސައްކަތް ނިމުމުން މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަވެ. އަދި ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަކަށް ބަދަލު ކުރެވޭނެ އެވެ.

