ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މިސްކިތެއް ބިނާކުރުމަށްޓަކައި މިއަދު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު އެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 22221 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2000 އާއި 3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ބޮޑުމިނަކީ 27,920 އަކަފޫޓެވެ. އަދި ލޮޓް ނަންބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ ދެވަނަ މިސްކިތަކީވެސް 2000 އާއި 3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ބޮޑުމިނަކީ 20,720 އަކަފޫޓެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި މިވަގުތު ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި ދެ މިސްކިތް އެޅުމަށް މިއަދު ބިން ހަވާލުކުރުމާއެކު، ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ ސަރަހައްދުތަކުގައި އަޅަމުންދާ މިސްކިތްތަކުގެ އަދަދު އިތުރުވެގެންދާނެއެވެ.
މި މިސްކިތްތައް އެޅުމަށް ބިން ހަވާލުކުރުމަކީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް އަޅުކަން ކުރުމުގެ ވަސީލަތްތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ފާހަގަކުރެވެއެވެ.

