ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
އެމްއޭސީއެލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވިގޮތުގައި، މި އެއަރޕޯޓްތަކާ ހަވާލުވެފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އެމްއޭސީއެލުން ފާހަގަކުރެއްވި ގޮތުގައި، އެ އެއަރޕޯޓުތަކާ ހަވާލުވިއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ. މިހާރު ކުރިއަށްދަނީ އެ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތާއި، ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ. ނަމަވެސް، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނިމިފައެއް ނުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، “ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންގުޅުއްވާ އިކޮނޮމިކް ރިފޯމްކުރުމުގެ މަސައްކަތްތަކަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކްފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ މަސައްކަތްތަކެއް” ކަމަށެވެ.
ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލާ އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާކުރެވޭނެއެވެ.

