މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1003 ފަރާތަކުން ބައިވެރިވާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ހާމަކުރައްވައިފިއެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ފަރާތަކާއި ނުބަލާ ކިޔެވުމުގެ ބައިން 166 ފަރާތެއް ބައިވެރިވާއިރު، ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން 190 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ބައިން 172 ދަރިވަރަކު ބައިވެރިވެއެވެ.
މީގެއިތުރުން، ޙާފިޒުންގެ ބައިން 29 ބައިވެރިންނާއި، އެހެނިހެން ކެޓަގަރީތަކުން ބަލައިގެން ކިޔެވުމުގެ ބައިން 181 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ބައިން 75 ބައިވެރިން މި މުބާރާތުގައި ވާދަކުރާނެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި މުބާރާތް ކުރިއަށްދާނީ ތިން މައިގަނޑު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ. ކޮންމެ ބަޔަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ވެސް މި ވަނަތައް ހޮވާނެއެވެ.
1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކުރާ މުހިންމު މުބާރާތެކެވެ. މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

