ހއ. ތުރާކުނުގައި ގޭގެ ވެރިފަރާތުން އެދިގެން ކައުންސިލުން ކެނޑި ރުކެއް، ރުއް ކަނޑަން އެދުނު ގޭގެ ފުރާޅު މައްޗަށް ވެއްޓި، އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އޮންލައިން ނޫހަކަށް މަޢުލޫމާތު ދެމުން ގޭގެ ވެރިފަރާތުން ބުނީ، އެ ރުއް ނަގައިދިނުމަށް އެދި ކައުންސިލަށް ސިޓީ ހުށަހެޅީ، އެ ރުކަކީ ގެއާ ވަރަށް ކައިރީގައި ހުރި ރުކަކަށް ވެފައި، ވައި ބާރު ދުވަސްވަރު ގެއަށް ވެއްޓިދާނެކަމުގެ ބިރު އޮތުމުންނެވެ. އަދި ސިޓީ ހުށަހެޅުމުން، ރުކުގެ ވެރިފަރާތަށް ބަދަލު ދިނުމަށްފަހު ރުއް ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ރުއް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ.
ގޭގެ ވެރިފަރާތުން ބުނާ ގޮތުގައި، މި ހާދިސާގައި ގޭގެ ސީލިންގގެ ބޮޑު ބައެއް ހަލާކުވެ، މަގުފާރަށް ރެނދު އަރާފައިވެއެވެ. އަދި ފުރާޅާއި ފައިދޮއްތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން މި ވަގުތާ ހަމައަށްވެސް ކައުންސިލުން އެއްވެސް ވަރަކަށް ގުޅާފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފް ވިދާޅުވީ، ރުއް ވެއްޓުނު ވަގުތު އެ ސަރަހައްދަށް ގޮސްފައިވީ ނަމަވެސް، އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް އޮތުމުން އެ ބައްދަލުވުމަށް ދާންޖެހުނު ކަމަށެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ކައުންސިލްގެ އެހެން މުވައްޒަފުންނާއި ފެނަކައިގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންވެސް ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގައި ރުއްގަސް ނެގޭނެ އެހެން ނިޒާމެއް ނެތުމުން، މީގެ ކުރިންވެސް ރުއްގަސް ނަގަމުން އައީ ވާ ޖަހައިގެން ކަމަށާއި، މި ހާދިސާގައި ކައުންސިލްގެ އިހުމާލެއް ނެތް ކަމަށެވެ. އަދި ގޭގެ ވެރިފަރާތާ ގުޅަން ދެ ފަހަރު މަތިން މަސައްކަތްކުރި ނަމަވެސް ގުޅޭގޮތް ނުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ

