ފަލަސްތީނުގެ 17 އަހަރުންދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ހަމަޖައްސަވައިދެއްވައިފިއެވެ. މިކަން ނިންމެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެދިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 8 އިން 19 އަށް ރާއްޖޭގައި ކޭމްޕް ކުރުމަށެވެ. މި ކޭމްޕަކީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގ ޓޯނަމަންޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ކޭމްޕެކެވެ. ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކޭމްޕް ކުރަން ނިންމާފައިވަނީ އެ ގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤް އާއި ސެކްރެޓަރީ ޖެނެރަލް ޒަރީރު އާއެކު ފަލަސްތީނު ޓީމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގައި ކޭމްޕް ކުރާ މުއްދަތުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށްވެސް ވަނީ ނިންމާފައެވެ.
ކުޅިވަރު ވުޒާރާއިން ބުނެފައިވާ ގޮތުގައި މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުޅިވަރުގެ ދާއިރާއިން ފަލަސްތީނަށް އެހީތެރިވުމަށް ނިންމި މުހިންމު ނިންމުމެކެވެ. އަދި މި ކޮލިފައިންގ ޓޯނަމަންޓުގައި ރާއްޖެއިން ވެސް ވާދަކުރާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

