ރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު ސޮއިކުރެވުނު ފަހުމުނާމާތަކާއެކު ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އައު ޞަފްޙާތަކެއް ހުޅުވިގެންދާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ 11 ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ފަހުމުނާމާތަކުގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނެއެވެ.
މި ފަހުމުނާމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޗައިނާ ސަފީރު ވިދާޅުވެފައިވަނީ، މި ފަހުމުނާމާތަކުގައި ސޮއިކުރެވުނުތަން ފެނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފަހުމުނާމާތަކުން ދެމެހެއްޓެނިވި ތަރައްޤީއާއި އެކުވެރިކަމާއެކު ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޗައިނާއާއެކު އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކުގައި ސޮއިކުރެވުނުކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ގިނަ ދާއިރާތަކުން ރާއްޖެއަށް ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

