ލެމަން ގްރާސްއަކީ އޭޝިއާ ސަރަޙައްދުގައި ޒަމާނުއްސުރެ ކެއްކުމަށާއި ބޭސްވެރިކަމަށް ބޭނުންކުރަމުން އަންނަ ގަހެކެވެ. ދިވެހިރާއްޖޭގައިވެސް ވަރަށް އާންމުކޮށް ބޭނުންކުރާ، އަދި ގިނަ ބައެއްގެ ގޭގޭގައި ހައްދަމުންދާ ގަހެކެވެ. ލެމަން ގްރާސްގެ ވަސްމީރުކަމާއި، ޞިއްޙީ ފައިދާތަކުގެ ސަބަބުން މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލު ބާވަތަކަށް ވެފައިވެއެވެ.
ލެމަން ގްރާސްގައި އެކުލެވޭ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް މާއްދާތަކުގެ ސަބަބުން، މިއީ ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރެވޭ މުހިންމު ބޭހެކެވެ. ޚާއްޞަކޮށް ބަނޑުހަރުވުމާއި، ނާރުތަކުގެ ބަލިތަކަށާއި، ލޭމައްޗަށް ދިއުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރެވެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދިނުމަށް އެހީތެރިވާ ސިޓްރަލް މާއްދާ މީގައި އެކުލެވެއެވެ.
ފެންވަރަން ބޭނުންކުރުން؛ ލެމަން ގްރާސް ހޫނު ފެނަށް އަޅައިގެން ނުވަތަ ފެނުގައި ކައްކައިގެން އެ ފެނުން ފެންވެރުމުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. މިގޮތުން މަސްތަކުގެ ރިހުން ކަނޑުވައިދީ، ބޮލުގައި ރިހުން ފިލުވައިދޭ އަދި ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. އަދި މީގެ ހިތްގައިމު ވަހުގެ ސަބަބުން ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބި، މޫޑު ރަނގަޅުވެއެވެ.
ހަމުގެ ޞިއްޙަތަށްވެސް އެހާ ފައިދާ ކުރެއެވެ؛ ލެމަން ގްރާސްގައި އެކުލެވޭ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް ޚާއްޞިއްޔަތުތަކުގެ ސަބަބުން ހަމުގެ ޞިއްޙަތު ރަނގަޅުކޮށްދެއެވެ. އަދި މީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދެއެވެ. މީގެ އިތުރުން މަދިރި ދުރުކުރުމަށްވެސް މި ބާވަތް ބޭނުންކުރެވެއެވެ.
ހަށިގަނޑުގެ އެތެރޭގެ ޞިއްޙަތަށް؛ ލެމަން ގްރާސް ސައިގެ ގޮތުގައި ބޭނުންކުރުމުން ބަނޑުގެ އުނދަގޫތަކާއި މަހުވާރު ވޭންތައް ފިލުވައިދެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކޮލެސްޓްރޯލް ދަށްކޮށްދީ، ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ސަމާލުވާންޖެހޭ ކަންތައްތައް؛ ލެމަން ގްރާސްގެ ފައިދާތައް ގިނަ ނަމަވެސް، މާގިނައިން ބޭނުންކުރުމުން އެލަރޖިކް ރިއެކްޝަންތައް ދިމާވެދާނެއެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ، ވަގުތުން ބޭނުންކުރުން ހުއްޓާލައި، ޞިއްޙީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި ބަލިވެއިން މީހުންނާއި ކުޑަކުދިން ބޭނުންކުރާނަމަ، ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.


