ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެންމެ އަވަހަށް ދެން ލިފްޓްގެ ޚިދުމަތް ފަށާނީ ޓަވަރު 3 އަދި 4 ގައެވެ.
އެޗްޑީސީން ދެއްވި މަޢުލޫމާތުގައި، މުޅި މަޝްރޫޢުގެ ތެރެއިން ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ 43 އިންސައްތަ އަދި ލިފްޓް އިންސްޓޯލްކުރުމުގެ 38 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޓަވަރު 1 އަދި 2 ގައި ލިފްޓް ބަހައްޓައި ނިމި، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ނަމަވެސް މި ލިފްޓްތަކުގައިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޑީސީން ފާހަގަކުރެއްވިއެވެ.
ޓަވަރު 3 އިން 9 އަށް ހުރި ޓަވަރުތަކުގެ ލިފްޓް ބެހެއްޓުމަށް ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ. މީގެ ތެރެއިން ޓަވަރު 3 އަދި 4 ގައި ލިފްޓް ހަރުކޮށް، ފިނިޝިންގ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އަދި ޓަވަރު 5-6 ގައި ލިފްޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޓަވަރު 7-12 އަށް ސްޓީލް ސްޓްރަކްޗަރގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު، އަލަށް ބަހައްޓާ ލިފްޓްތަކަކީ ބަލިމީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. އަދި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަވާނެހެން ބްރެއިލް އަކުރުންވެސް ފްލޯ ނަންބަރުތައް ޖަހާފައި ހުންނާނެއެވެ.
ހިޔާ މަޝްރޫޢުގެ 16 ޓަވަރުގައި ޖުމްލަ 6,720 ހައުސިންގ ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 400 އެޕާޓްމަންޓް ހިމެނެއެވެ. ސަރުކާރުން މަސައްކަތްކުރަނީ މި އަހަރުގެ ތެރޭގައި ހިޔާގެ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމުގެ މަސައްކަތްތައް ނިންމާލުމަށެވެ.

