އިތުރު 5 އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތަކުގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ޒޯން 4ގައި ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ފެށުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއެކު މަޝްވަރާކޮށްފައިވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައިން ސަރވޭއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
އާރުޓީއެލް ޒޯން 4ގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ. އަތޮޅެވެ. މި އަތޮޅުތަކުގައި ބޭސްލައިން ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހާއި އަންނަ މަހުގެ ތެރޭގައެވެ.
"މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ." މިއީ ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަ މަގުތައް ފަހިކޮށްދިނުމަށް ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ. އިތުރު އަތޮޅުތަކުގައި މި ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާކަމަށާއި އެ އުޅަނދުތައް ބަނުމަށް މިހާރު ހަވާލުކޮށްފައިވާކަމަށް އެމްޓީސީސީން ހާމަކުރައްވާފައިވެއެވެ.
މިހާރު އާރުޓީއެލްގެ ޚިދުމަތް ޤާއިމުކޮށްފައިވަނީ 11 އަތޮޅެއްގައެވެ. ޒޯން 4ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމުން ބާކީ އޮންނާނީ 4 އަތޮޅެވެ.

