މި މަހުގެ 1 ވަނަ ދުވަހު އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ) އިން، މުލަކު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްސަ ސްޓަޑީ ކޭމްޕެއް ބާއްވައިފިއެވެ. މި ކޭމްޕުގައި މުލަކު ސްކޫލްގެ 28 ދަރިވަރުން ބައިވެރިވެފައިވެއެވެ.
އެމްޓީސީސީން ވިދާޅުވެފައިވާ ގޮތުގައި، މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް އެ ކުންފުނީގެ އެކި ޑިވިޝަންތަކާއި، ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން ދަރިވަރުން ވަނީ އެމްޓީސީސީގެ މާފަންނު ޓާމިނަލަށް ޒިޔާރަތްކޮށްފައެވެ.
މާފަންނު ޓާމިނަލްގައި ހުންނަ ޓްރޭޑިން ޑިވިޝަނާއި، ޝޯރޫމާއި، ސިއްހަތާ ބެހޭ ޑިޕާޓްމަންޓާއި، ޓްރާންސްޕޯޓް ސާވިސް ޑިވިޝަނަށް ކުދިން ވަނީ ޒިޔާރަތްކޮށް، އެތަންތަނުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އެފަދަ ދާއިރާތަކުން ލިބޭ ތަޖުރިބާއާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ. މި ޒިޔާރަތްތަކުގެ ސަބަބުން ދަރިވަރުންނަށް އެމްޓީސީސީގެ މަސައްކަތްތައް ހިނގާގޮތް ކައިރިން ބަލާލުމުގެ ފުރުސަތު ލިބިފައިވެއެވެ.
އެމްޓީސީސީން އަބަދުވެސް ދަނީ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން، ކުންފުނީގެ ތެރެއިން ދަރިވަރުންނަށް ލިބޭނެ ހުނަރުތަކާއި، ވަޒީފާގެ ފުރުސަތުތައް ދަރިވަރުންނަށް އަންގައިދީ، މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ މުހިންމު މަސައްކަތެކެވެ.

