“ހަމަ ޔަގީން މިއަދު ކޮންމެވެސް ބޮޑު ކަމެއް ވާނެ، ޔަގީން މިއަދު މިގޭތެރެއިން ވާނީ ކުޑަކަމެއް ނޫން، އަޅެ މީހަކަށް ދެރަގޮތެއް ވަނީބާ؟ އެކްސިޑެންޓް، ކޮންމެވެސް ބޮޑު އަނިޔާއެއް، ކާކަށް، ނޫން،”
ހެނދުނު އެރި އިރާއެކު ބޮޑުދައިތަ އިލޮށިފަތި ހިފައިގެން ގޭ ގޯތިތެރޭގައި އެހެރަ އެނބުރެނީ ބުމަރެއް ހެން ކޮންމެވެސް ފަތިވަރެއް ގުނަމުންނެވެ. ރޭގަނޑުގެ ޑިއުޓީ ނިންމާފައި ގެއަށް ވަންނަން ނެގި ފިޔަވަޅާއެލު އަހަންނަށް ވެެގެން އުޅޭ ގޮތުގެ ރޭކާ ލައިފިއެވެ. ހަމަޖެހިގެން ނިކަން ފުންނޭވާ އެއް ލުމަށްފަހު ގެއަށް ވަނީމެވެ. ހަމަ ވަނުމާއެކު ފުންމައިގެން އައިސް އަތުގައި ހިފައި މޫނާއި ކަނދުރާގަައި އަތްލައި ދެކޮނޑުގައި ހިފައި އަނިޔާއެއް ވެފައި ހުރިތޯ ބަލައި، ބޮޑުދައިތަ ތެޅި ފޮޅެން ފެށި މަންޒަރު ފެނުމުން އަހަރެންގެ ހިނިގަނޑު އިތުރަށް ހިފަހައްޓާނުލެވުނެވެ.
“އޭތް. ޕަކައަޅާފައި ހޭކަށް ނޫންވީ، ނަސީބެއް ސަލާމަތުން ގެއަށް އައިކަން، ކަލޭގެ ފިރިމީހާ ކޮބައިތަ؟ އޭނަވެސް ރޭހަތަރުދަމު ގެއަށް ނާދޭނު، ޔަގީން، އޭނައަށް ކަމެއްވީކަން، ގުޅާ ހަމަމިހާރު ގުޅާ،” ބޮޑުދައިތަ އައީ ރުޅިއެވެ. “މިބުނީނު، މަގޭ ވާތުލޯ ރޭއްސުރެ ހުއްޓާނުލާ ތޮޅެނީއޭ، މަގޭ މިލޯ ތޮޅުން ހުއްޓައެއްނުލާ، އެހެންވެ މިބުނަނީ، އަނެއްކާ ކަލޭމެން ދެމީހުން ތިއުޅެނީ ކޮން ކަމެއް ސިއްރުކޮށްގެންތަ؟”
“ބޮޑުދައިތާ، މަމިހިރީ ހަމަ ސިއްހަތު ސަލާމަތުންނޭ، އަދި މަގޭ އަނބިމީހާވެސް އެހެރީ، ނިކަން ބަލާލަ، މިއިނީ ކުޑަމަންޖެވެސް،” ގޭތެރެއިން ނުކުމެގެން އައީ އަހަރެންގެ ފިރިމީހާއެވެ. ހުރީ ދަރިފުޅު އުރާލައިގެންނެވެ. އަހަރެމެން ދެމީހުން ޑިއުޓީ ބަހާލައިގެން އުޅެނީ ވަޒީފާއާއި ގޭގެ ކަންތަކާވެސް އެކުގައެވެ.
“ބޮޑުދައިތާ، ލޯތޮޅުމަކީ ތިހެން ވާ ކަމެއްނޫނޭ. ނިކަން ރަނގަޅަށް ނިދާބަލަ، ދައިތަ ނިދި މަދުކަމުން ވާގޮތޭ، ނިކަން ރަނގަޅު ބަދަލެއް ގެނެބަލަ، އޭރަށް އަބަދު ލޯތޮޅޭ ލޯތޮޅޭ މަގެ ލޯ އެބަތޮޅޭ، ކޮންމެވެސް ބޮޑުކަމެއް ވާން އުޅެނީ، މިހެން ކިޔާކަށް ނުޖެހޭނެނު، ޑޮކްޓަރުން ކުރިމަތީ ވިއްޔަ އަބަދު ތިހެން ތިކިޔަނީ،” މިއަދު ބޮޑުދައިތައަށް ލޯތޮޅުމާ ބެހޭ ގޮތުން ރަނގަޅަށް ބުނެދޭން ޖެހުނީއެވެ. އަަހަރެމެން ދެމަފިރިންނަކީ ދެޑޮކްޓަރުންނެވެ. ވީއިރު ބޮޑުދައިތަ އެޚުރާފީ ވިސްނުމުގައި ހަލާކުވާން ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ.
ލޯ ތޮޅުމާ ގުޅޭގޮތުން އެކި މުޖުތަމަޢުތަކުގައި އެކި ޚުރާފީ ޤަބޫލު ކުރުންތައް ހުރިއިރު ރާއްޖޭގައި ވެސް ކަނާތު އަދި ވާތު ލޯ ތޮޅުމާ ގުޅޭގޮތުން ތަފާތު ގަބޫލުކުރުންތައް ގެންގުޅޭ މީހުން މަދެއްނޫނެވެ. އެހެންނަމަވެސް އެންމެން އާފަލަކަށް އެއީ އަނބެކޭ ބުނުމަކުން އާފަލު އަނބަކަށް ނުވާ އުސޫލުން “މަގޭލޯ އެބަތޮޅޭ، ޔަގީން ކަމެއްވާން އުޅެނީ،” ބުނުމަކުން ލޯތޮޅުން “ކަމެއްވުމުގެ ކުރިން ދޭ ސިގްނަލަކަށް” ނުވާނެތާއެވެ. ހަގީގަތަކީ ލޯތޮޅުމާ ބެހޭ ގޮތުން އެބުނާ ބުނުންތަކަކީ ސައިންޓިފިކް ހެއްކަކަށް ބިނާވެފައިވާ ކަމެއް ނޫނެވެ.
ލޯ ތޮޅުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު ކަމެއްކަން ޔަގީނެވެ. މިއީ ގިނަ ފަހަރަށް ވަގުތީ ގޮތުން ދިމާވާ ކަމެއް ނަމަވެސް، ބައެއް ހާލަތްތަކުގައި މިއީ ސީރިއަސް މައްސަލައެއްގެ އަލާމާތަކަށް ވެސް ވެދާނެއެވެ. އެހެންކަމުން މި މައްސަލައާ ބެހޭގޮތުން ރަނގަޅަށް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ލޯ ތޮޅުމުގެ ބާވަތްތައް
ލޯ ތޮޅުން އަންނަ ގޮތްތައް ދެ ބަޔަކަށް ބެހިގެންދެއެވެ. އެއީ އާންމު ލޯ ތޮޅުން ނުވަތަ މަޔޮކައިމިއާ އާއި ނިސްޓަގްމަސްއެވެ. މަޔޮކައިމިއާ ގައި ލޮލުގެ ބޮނޑި ކުޑަކޮށް ތޮޅެއެވެ. ނަމަވެސް ނިސްޓަގްމަސްގައި މުޅި ލޯވެސް އެކި ދިމަދިމާލަށް ހަރަކާތްކުރެއެވެ. މިއީ ސީރިއަސް ހާލަތެކެވެ.
ލޯ ތޮޅުމުގެ މައިގަނޑު ބައެއްސަބަބުތަކުގެ ތެރޭގައި؛
ކެފެއިން އެކުލެވޭ ކާބޯތަކެތި: ކެފެއިން ގިނައިން ބޭނުންކުރުމަކީ ލޯ ތޮޅުމަށް މެދުވެރިވާ ސަބަބެކެވެ. ކޮފީ އާއި ސައި ފަދަ ތަކެތި މަދުކުރުމުން ލޯ ތޮޅުން ކުޑަވެގެންދާނެއެވެ. ލޯ ހިކުމުގެ ސަބަބުން ވެސް ލޯތޮޅޭ ގޮތް ވެއެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް ލޮލުގެ ތެތްކަން ކުޑަވެ ލޯހިކުން އިތުރު ވަމުންދެއެވެ. ބައެއް ކަހަލަ ބޭސް، އެންޓި ހިސްޓަމިން އާއި އެންޓި ޑިޕްރެޝަންފަދަ ބައެއް ބޭސް ބޭނުން ކުރުމާއި ގިނައިރު ކޮމްޕިއުޓަރު ކައިރީ އިނުމަކީވެސް ލޯހިކުމަށް ދިމާވާ ކަންތައްތަކެވެ. އަދި މިއީ ލޯތޮޅުމަށް މެދުވެރިވާ ކަމެއްވެސްމެއެވެ. ވަރުބަލިވުމާއި ހާސްކަން އިތުރުވުމަކީވެސް ލޮލުގެ ތެތް ކަމަށް އަސަރުކުރާ ކަމެކެވެ. އަދި މިއީވެސް ލޯތޮޅޭ ސަބަބެކެވެ.
ނިސްޓަގްމަސް: ސީރިއަސް ހާލަތް
ނިސްޓަގްމަސްއަކީ ލޯ ތޮޅުމުގެ ސީރިއަސް ހާލަތެކެވެ. މި ހާލަތުގައި ލޯ އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ގޮތަށް އެކި ދިމާލަށް ހަރަކާތްކުރެއެވެ. މިކަމުގެ ސަބަބުން ފެނުން އޮޅުމާއި، ބަލަންސް ގެއްލުމާއި، ބޯ ޖެހުން ފަދަ އަލާމާތްތައް ފެނެއެވެ. މި ބަލި ވިހާއިރު ހުންނަ ގޮތަށާއި، ފަހުން ޖެހޭ ގޮތަށް ވެސް މެދުވެރިވެއެވެ.
ޚުރާފީ ވިސްނުންތަކާއި އިސްލާމްދީނުގެ ނަޒަރުން: ދިވެހިރާއްޖޭގައި ކަނާތު އަދި ވާތު ލޯ ތޮޅުމާ ގުޅޭގޮތުން އެކި ޚުރާފީ ވިސްނުންތައް އެބަހުއްޓެވެ. ނަމަވެސް އިސްލާމްދީނުގައި ލޯ ތޮޅުމަކީ ހަށިގަނޑަށް ދިމާވާ ޠަބީޢީ ކަމެއްގެ ގޮތުގައި ދެކެއެވެ. މިފަދަ ކަންކަމަކީ ހެޔޮ ނުވަތަ ނުބައި ކަމެއްގެ ޢަލާމާތެއް ކަމުގައި ދެކުމަކީ ޖާހިލިއްޔަ ޒަމާނުގެ ނުބައި ޢަޤީދާއެކެވެ.
ލޯތޮޅުން ފަދަ ކަންކަމުގައި ފަރުވާއާއި ރައްކާތެރިވުމަކީވެސް މުހިންމު ކަމެކެވެ. ލޯ ތޮޅުމަށް ފަރުވާ ހޯދުމުގައި އެންމެ މުހިންމީ ރަނގަޅަށް ނިދުމާއި، ކެފެއިން މަދުކުރުމާއި، ހާސްކަން ކުޑަކުރުމެވެ. އަދި 20-20-20 ގެ އުސޫލު ބޭނުންކޮށްގެން ލޮލަށް އަރާމު ދިނުމެވެ. މިއީ ކޮންމެ 20 މިނެޓަކުން 20 ފޫޓު ދުރުގައިވާ އެއްޗަކަށް 20 ސިކުންތު ވަންދެން ބެލުމެވެ.
އަދި ޑޮކްޓަރަށް ދައްކަންވީ ހާލަތްތައްވެސް އާދެއެވެ. ލޯ ތޮޅުން ހަފްތާއަކަށްވުރެ ދިގުލައިފިނަމަ، ނުވަތަ ފެނުމަށް އުނދަގޫވާނަމަ، ނުވަތަ ދުވަހުގެ ދިރިއުޅުމުގެ އާދަތަކަށް ދަތިވާވަރުގެ އުނދަގުލެއް މިކަމުން ވާނަމަ ލޮލުގެ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. ޚާއްޞަކޮށް ނިސްޓަގްމަސްގެ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ދިމާވާ ކޮންމެ ކަމަކީވެސް އޭގެ ސައިންޓިފިކް ސަބަބެއް އޮންނާނެ ކަމެއްކަން ވިސްނަން ވާނެއެވެ. އެހެންކަމުން ލޯތޮޅޭ ލޯތޮޅޭ މަގެ ލޯ އެބަތޮޅޭ ކިޔައި ހާސްވެ ކަންބޮޑުވިޔަސް އޭގެއިން ގެއްލުމެއް ލިބުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެއެވެ. މިއީ ސަމާލުވާން ޖެހޭ ކަންކަމެވެ. އެހެނީ ލޯތޮޅުން ކަމެއްގެ ސިގްނަލަކަށް ނުވިޔަސް އެފަދަ ޚުރާފީ ވިސްނުން މީހާއަށް ގެއްލުންދޭނެތީއެވެ.

