ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ، މިއީ ފުލުހުންނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ ތަކެތި ކަމަށެވެ.
އިއްޔެ ތުޅާދޫ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅުތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމްކަމަށާއި މި ތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ނަމަވެސް، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

