މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އެ ބިލު ބޭރުކޮށްލުމަށް ގޮވާލާފައިވާ އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ.
ނޫސްވެރިން ބުނީ ރައީސް މުއިއްޒު މިކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރާކަމަށާއި އަދި ނޫސްވެރިންގެ އަޑު ރައީސް އައްސަވާނެ ކަމަށް ގަބޫލުކުރާން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ވަގުތު އޮތް އެ ބިލު ފާސްނުކޮށް އަނބުރާ ފޮނުވައިލުމަށް ގޮވާލާ ޕެޓިޝަން މަޖިލީހާއި ރައީސް އޮފީހަށް ހުށަހެޅީ މިއަދު މެންދުރުފަހު 1 ޖަހާކަށް ހާއިރެވެ.
ނޫސްވެރިން ބުނަމުންދަނީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ އިތުރުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް ވަރަށް ބޮޑަށް ހަނިވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެގެންދާނެ ކަމަށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުރިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މީޑިއާތަކުގެ މަޝްވަރާއެއް ހޯދާފައި ނުވެއެވެ. އަދި ބިލު ފަރުމާކޮށްފައިވަނީ މީޑިއާތަކުގެ ޙައްޤުތައް ގެއްލޭގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

