މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ފެސިލިޓީއަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން، މާލޭގެ އަމީނީމަގުގައި ހުންނަ 1،469 އަކަފޫޓުގެ ގެއެއް ނީލަމުގައި ވިއްކާލުމަށް އެމްއައިބީން މިއަދު ވަނީ ހުޅުވާލައިފައެވެ.
ނީލަމުގައި ވިއްކާލަން ހުޅުވާލާފައިވަނީ ގ. ފަނަސް ނަމަކަށް ކިޔާ ގެއެވެ. މި ގެ ރަހުނު ކުރެވިފައިވަނީ ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން 2017 ވަނަ އަހަރުގެ އޮކްޓޯބަރު 9 ވަނަ ދުވަހު ނަގާފައިވާ 3.4 މިލިއަން ޑޮލަރުގެ ޓްރޭޑް މުރާބަހާ ފައިނޭންސިން ފެސިލިޓީއަކަށެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިއުމާ ގުޅިގެން، 2022 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ފެސިލިޓީއަށް ދައްކަން ޖެހޭ މިންވަރާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައެވެ. ނަމަވެސް، އެ އަދަދު ނުދެއްކުމުން މިހާރު ވަނީ ރަހުނުކުރެވިފައިވާ ގެ ވިއްކާލުމަށް އިޢުލާންކޮށްފައެވެ.
އެމްއައިބީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ގެ ގަތުމަށް ނީލަން ފެށުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 30.23 މިލިއަން ރުފިޔާއެވެ. މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް ނީލަން ފެށުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 100،000 ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށާއި، ނީލަން ނިމުމުން އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށް އެކަން އަންގާނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ. އަދި ނީލަމުގެ އެންމެ މަތީ އަގު ކޮންމެ ދުވަހަކުވެސް ބޭންކުގެ ވެބްސައިޓުގައި އާންމުކުރަމުން ގެންދާނެއެވެ.

