ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް އެހީވުމަށް “ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު”ގެ ނަމުގައި ހާއްސަ ސެންޓަރެއް ހުޅުވައިފި
މި ސެންޓަރު ހުޅުވައިދެއްވާފައިވަނީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއެވެ.
މި ތަން ހުންނަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.
މީގެ ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްސަ ފަރުވާ ދިނުމުގައި ވަރަށް ބައިވަރު ދަތިތައް ހުންނަ ކަމަށާއި ނަމަވެސް، މިހާރު ފަސޭހަކަމާ އެކު ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ހާލު ބެލި، އެހީ ފޯރުކޮށްދިނުމަށް ސެންޓަރުގެ ސަބަބުން މަގުފަހިވާނެކަމަށް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ޤާއިމުކޮށްފައިވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުއެވެ. މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބަލާނެއެވެ.

