އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަން ކޮށްފިއެވެ. މި އައްޔަން ކުރުމާއެކު، އެސްޑީއެފްސީގެ ބޯޑަށް އިތުރު ބަދަލުތަކެއް ވެސް ގެނެސްފައިވެއެވެ.
އެސްޑީއެފްސީގެ ބޯޑު ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އައްޔަން ކޮށްފައިވާ އިރު، ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސް ފާތިމަތު ފަރިހަތު ވަހީދު ވަނީ ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކޮށްފައެވެ.
އައު މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަނަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން އެމްބީއޭ ހާސިލްކުރައްވާފައިވާ، ބޭންކިންގް އަދި ފައިނޭންޝަލް ސާވިސް ދާއިރާގައި 13 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ރީޓެއިލް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާ، ސީނިއާ މެނޭޖާ އޮފް ރީޓެއިލް ބޭންކިންގް، އަދި ހެޑް އޮފް ރީޓެއިލް ބޭންކިންގް އެންޑް ކާޑްސް ފަދަ މުހިންމު މަގާމުތައް ފުރުއްވާފައެވެ.
އެސްޑީއެފްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީ މަގާމުން ވަކިކުރީ މިދިޔަ މާޗްމަހުގައެވެ. އެސްޑީއެފްސީއަކީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.
އެސްޑީއެފްސީގެ އައު ބޯޑުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ޝަރީފް (ޗެއާޕާސަން)، ބަދުރުއްދީން ހަސަން (މެނޭޖިން ޑިރެކްޓަރު)، ފާތިމަތު ފަރިހަތު ވަހީދު، ފާތިމަތު އަޒްމާ، އަހުސަލް މުހައްމަދު އަދި ފާތިމަތު ޔަމްނާއެވެ.

