ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ ކުރިން، އެފަރާތްތަކާއި ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް ވުޒާރާއިން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށަން ޖެހުނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގަން ޖެހުނު ސަބަބުންނެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަކި ބިންތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ތަޢުލީމީ އަދި ސިއްޙީ ޚިދުމަތްތަކުގެ އިތުރުން، އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތަކެއް ހިމެނެއެވެ.
އަދި ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން، ޕާކުތަކާއި ކުޅިވަރު ކުޅޭ ސަރަހައްދުތައްވެސް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ގުޅިފަޅުން ދޫކޮށްފައިވާ ބިންތައް ސާފުކޮށް، އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ކުރިއަށް ގެންދާނެއެވެ.

