މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް އަބްދުﷲ ފާއިޒް ވިދާޅުވި ގޮތުގައި މިހާތަނަށް ޝީޓް ޕައިލްކުރުމުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދަނީ ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ 128 މީޓަރުގެ ސަރަހައްދުގެ މަސައްކަތެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ މަސައްކަތް ރޭވިފައިވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ޝަރްވަސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ނަގައި، އައު އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް ނިމުމުން މަގަށް ބޭނުންވާ ހިއްކުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
“މަގުތާރުއަޅާ ނިންމަން ހަމަޖެހިފަ މިވަނީ ރޯދައިގެ ކުރިއަށް. އެގޮތުން ރޯދަމަހަކީ މާރުކޭޓް ސަރަހައްދުގައި ކާރުބާރު ބޮޑުވާ ދުވަސްވަރެއް ކަމުން އާންމުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ރޯދައިގެ ކުރިއަށް މަގުގެ ތާރުމަސައްކަތާއެކު ހުޅުވާލުން،” ޝަރްވަސް ވިދާޅުވިއެވެ.
144 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭނެހެން 4 ލޭނަށް ތަރައްޤީކުރެވޭނެއެވެ.
މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަހައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެ ހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

