މާދަމާއަކީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަސް ކަމަށްވެފައި، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވީ ނަމަވެސް، އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ނިންމައިފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި އޮފީހަށް ހާޒިރުވެ ޚިދުމަތް ހޯދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، އޮފީހަށް ހާޒިރުވެ ޚިދުމަތް ހޯދޭނީ 65 އަހަރުން މަތީގެ ފަރާތްތަކަށާއި އެމަޖެންސީ ހާލަތްތަކުގައެވެ. މި ޚިދުމަތް ހޯދުމަށް އަންނައިރު ޕާސްޕޯޓު ހެދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ގެނައުމަށް ވަނީ އަންގާފައެވެ.
މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި 9555333 ނަންބަރަށް ގުޅައިގެން ޕާސްޕޯޓުގެ ޚިދުމަތް ހޯދިދާނެއެވެ. ނަމަވެސް މި ޚިދުމަތް ލިބެން ހުންނާނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.
އަދި މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އޮފީހަށް ހާޒިރުވެ ނަންބަރު ނެގުމުގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

