މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) މެދުވެރިކޮށް، ޖެނެޓިކް ނުވަތަ ޑީއެންއޭ ޓެސްޓްކުރުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، “ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު” ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސެންޓަރު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓްތައް ކުރެވޭނެ މެޝިނަރީއާއި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ތަޢާރަފްކުރެވޭ ޓެސްޓްތަކުގެ ތެރޭގައި ޖެނެޓިކް ނުވަތަ ޑީއެންއޭ ޓެސްޓް ހިމެނޭކަމަށް ސީއީއޯ ވިދާޅުވިއެވެ.
ޑީއެންއޭ ޓެސްޓްކުރުމުގެ މުހިންމުކަން އޮޅުންފިލުވައިދެއްވަމުން ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، “ޑީއެންއޭ ޓެސްޓިންއަކީ ތެލެސީމިއާ ނިސްބަތް މަދުކުރުމަށް ސްކްރީންކުރެވޭ ފަރާތްތަކުގެ ތެރެއިން ޕްރިނޭޓަލް ޓެސްޓިން އަދި ތެލެސީމިއާ ކެރިއަރ ސްޓޭޓަސް ކަށަވަރުކުރުމަށް ކުރާ ތަހުލީލުތައްކުރުމަށާއި ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ދަރިން ހޯދުމަށްޓަކައި ބަޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ލޭގެ ބަލީގެ ބާވަތްތައް ދެނެގަތުމަށް ޕްރިނޭޓަލް ޑައިގްނޯސިސް އަދި އެނީމިއާގެ ފަސޭހަކަމުގެ އިތުރުން ގޮތް ނޭނގޭ ބާވަތްތައް ދެނެގަތުމަށް ޓެސްޓްކުރެވޭ އިތުބާރުހުރި ގޮތެއް.” މި ޚިދުމަތް ފެށުމުން، ތެލެސީމިއާ ފަދަ ލޭގެ ބަލިތައް ދެނެގަތުމާއި ކޮންޓްރޯލްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

