ނ. ފޮއްދޫގައި އިމާރާތް ކުރަމުންދާ ޕޮލިސް ޕޯސްޓުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިންމައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފައުންޑޭޝަންގެ އިތުރުން ކޮންކްރީޓް ކާސްޓިންގ އަދި ތަނބުތަކުގެ ކާސްޓިންގގެ މަސައްކަތްތައް ވެސް ވަނީ ނިންމާލާފައެވެ.
މި ޕޮލިސް ޕޯސްޓުގެ މަސައްކަތް ރަސްމީކޮށް ފެށިފައިވަނީ މިދިޔަ ޖުލައި މަހުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފޮއްދޫއަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތަކާއި ޕޮލިސް ޕޯސްޓުތައް ގާއިމުކޮށް، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރެއިން ވައުދެކެވެ. މި ވައުދުފުޅުގެ ދަށުން މިހާރު ވަނީ ގިނަ އަތޮޅުތަކުގެ ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދެވިފައެވެ.
ފުލުހުންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމަކީ އެ ރަށްރަށުގެ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ގޮތެއްގައި ފުލުހުންގެ ޚިދުމަތް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މިއީ ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ގާނޫނީ ހަމަތައް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ބެލެވެއެވެ.

