ރައްޔިތުންގެ މަޖިލީހުގެ 88 މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފިއެވެ. މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައެވެ.
މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވިގޮތުގައި، މިދިޔަ އަހަރުގެ މެއި 28 ވަނަ ދުވަހު 20 ވަނަ ދައުރަށް ހުވާކުރެއްވި މެންބަރުން މާލީ ބަޔާން ހުށަހެޅުއްވުމުގެ އެންމެ ފަހު މުއްދަތަކީ މިއަހަރުގެ އޮގަސްޓް 31 ވަނަ ދުވަހެވެ. މިއީ ހުވާކުރާތާ އެއް އަހަރު ދުވަސް ފަހުން މާލީ ބަޔާން ހުށަހެޅުމަށް ދެވިފައިވާ މުއްދަތެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް މާލީ ބަޔާން ހުށަހެޅުއްވުމަކީ ލާޒިމު ކަމެކެވެ. މި ބަޔާނުގައި ކޮންމެ މެންބަރެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މައުލޫމާތު ހިމެނެއެވެ. 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބެވިއިރު، މިހާތަނަށް 88 މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ.
މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުން:
- – ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު
- – ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު
- – މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް
- – މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް
- – މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު
މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރުމަކީ ސަރުކާރުގެ ހިންގުމުގެ ދާއިރާގައި ހާމަކަން ބޮޑުކޮށް، ޒިންމާދާރުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

