ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ވ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ވަނީ ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރެވޭނީ ވ. ތިނަދޫ އަދި ވ. ފެލިދޫގައެވެ. މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ސާފުރާއްޖެ ބިލްޑިންގގައެވެ. އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ.
ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ބޭނުންވާ ބައެއް މުހިންމު ސާމާނު މީގެ ކުރިން ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ޙަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަށުތެރޭ ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އިތުރުން، ދަޅު ފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.
މި މަޝްރޫޢުގެ އަގަކީ ތިން މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާއެވެ. އަދި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކުރުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަޝްރޫޢުތައް ފުރިހަމަވުމުން ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

