ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކައުންޓަރު ޚިދުމަތް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ލިބޭނީ މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއިން ކަމަށް އެ އެޖެންސީން މިއަދު ހާމަކޮށްފިއެވެ.
މިހާރު އެންސްޕާގެ ޚިދުމަތްތައް ދެމުން އަންނަނީ ހަވީރީ ހިނގުމުގައި ހުންނަ މޫކައި ސުއިޓްސް އިމާރާތުގެ 4 ވަނަ ފަންގިފިލާއިންނެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް އެ އެޖެންސީން ޚިދުމަތް ފޯރުކޮށްދެއެވެ. ކެނެރީމަގުގައި ހުންނަ މ. އުތުރުވެހި އަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން ހިންގި އިމާރާތެވެ.
އެންސްޕާ އަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގާ އިދާރާއެވެ. މި އިދާރާއިން ގިނަ އަދަދެއްގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެއެވެ.
އެންސްޕާއިން ކުރިއަށްގެންދާ މައިގަނޑު ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސްފަރުވާގެ އެހީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ހިމެނެއެވެ. މީގެ އިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީއާއި، ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ އަދި އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ސްކީމްވެސް ހިމެނެއެވެ.
އެންސްޕާގެ ކައުންޓަރު ޚިދުމަތް އައު އިމާރާތަށް ބަދަލުވުމާއެކު، އާންމު ރައްޔިތުންނަށް އެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

