ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ އިނގުރު، ފެހި އާފަލު އަދި ލުނބޯއަކީ ޞިއްޙަތަށް ވަރަށް މުހިންމު ތިން ބާވަތެވެ. މި ތަކެތީގެ ޖޫހަށް އަސޭމިރުސް ކޮޅެއް އިތުރުކުރުމުން މީގެ ފައިދާތައް އިތުރަށް ފުރިހަމަވެގެންދެއެވެ.
އިނގުރުގެ ފައިދާތައް: އިނގުރުގައި ޖިންޖަރޯލްސް އާއި ޝޯގައޯލްސް ފަދަ ކޮމްޕައުންޑްތައް ހިމެނެއެވެ. މިއީ ބަރުދަން ބެލެހެއްޓުމުގެ އިތުރުން ސިއްހީ ތަފާތު ފައިދާތަކާ ގުޅުން ހުރި މާއްދާތަކެކެވެ. އިނގުރުގައި ހުންނަ ތަރމޯޖެނިކް ޕްރޮޕަޓީސްގެ ސަބަބުން މެޓަބޮލިކް ރޭޓް އިތުރުކޮށް، ހަށިގަނޑުގައި ސަރުބީ އަންދާލުމަށް އެހީތެރިވެދެއެވެ. އަދި ބެކްޓީރިއާ އާއި ފަންގަސް ފަދަ ޖަރާސީމުތަކާ ދެކޮޅަށް ވެސް އިނގުރު ވަރަށް ފައިދާ ކުރެއެވެ.
ފެހި އާފަލުގެ ފައިދާ: މީއީ ކެލެރީ މަދު، އަދި ފައިބަރުގެ މިންވަރު ގިނަ އެއްޗެކެވެ. މީގެ ސަބަބުން ގިނަ ވަގުތު ބަނޑުފުރި ހުންނާނެއެވެ. އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް ވެސް ފެހި އާފަލު ވަރަށް މުހިންމެވެ. މީގެ އިތުރުން ފެހި އާފަލުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ސަލާމަތް ކޮށްދެއެވެ. ހަމައެހެންމެ ބަނޑުގައި ވައިހެދުމާއި މަތިންއެރުން ފަދަ އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ، އަދި ކެއުމުގެ މެދުގައި ލުއި ކާނާ ކެއުމަށް ހުންނަ ފޯރި، މާނައަކީ ޖަންކްފުޑް ކާހިތްވުން ކުޑަވެގެންދެއެވެ.
ލުނބޯގެ މުހިންމުކަން: ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން ހަޖަމުކުރުމުގެ އެންޒައިމްތައް ރަނގަޅުވެ، ކާނާ ރަނގަޅަށް ހަޖަމުވުމަށް އެހީތެރިވެދެއެވެ. އަދި ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. އަދި ހަމުގެ ސިއްޙަތަށް ވެސް ލުނބޯގެ ސަބަބުން ފައިދާކުރެއެވެ. ލުނބޯގައި އެކުލެވޭ މެގްނީޒިއަމް އަދި ޕޮޓޭޝިއަމްގެ ސަބަބުން ހިތުގެ ސިއްޙަތު ރަނގަޅު ކޮށްދެއެވެ. މީގެ އިތުރުން ކިޑްނީގައި ހިލަ ހެދުންފަދަ ކަންކަމުން ދުރުކުރުމަށްވެސް ލުނބޯ ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ.
އަސޭމިރުހުގެ ދައުރު: އަސޭމިރުހުގައި ހިމެނޭ މުހިއްމު ކޮމްޕައުންޑް ކަމަށްވާ ޕައިޕެރިން (piperine) ގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސްތައް ރަނގަޅަށް ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. މީގެ ތެރޭގައި ވިޓަމިން ބީ، ބީޓާ ކެރޮޓީން އަދި ސެލީނިއަމް ފަދަ މުހިންމު ނިއުޓްރިއެންޓްސްތައް ހިމެނެއެވެ. ހަމައެހެންމެ ޕައިޕެރިންއަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ސިފަތަކެއް އެކުލެވޭ މާއްދާއެއްވެސްމެއެވެ. މިއީ ހަށިގަނޑުގައި ހޫނު އުފައްދައި ކެލެރީ އަންދާ ޕްރޮސެސް އިތުރުކޮށްދޭ އެއްޗެކެވެ. އަދި އިނގުރަކީ، އެހެނިހެން ބާވަތްތަކުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްތައް ހަށިގަނޑަށް ބޭނުންކުރުމަށްވެސް މަގުފަހިކޮށްދޭ ބާވަތެކެވެ.
ރިހުންތަކަށާއި ދުޅަހެޔޮކަމަށް ކުރާ ފައިދާ؛ އިނގުރު އަދި އަސޭމިރުހުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ރިހުން ކަމުގައިވާ އާތްރައިޓިސް، ހިތުގެ ބަލިތައް އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ ކަންކަމަށް ޙައްލު ލިބިގެންދެއެވެ. އަދި ހަށިގަނޑުގެ ރިހުންތަކަށް ލުޔެއް ލިބިގެންދެއެވެ.
ހަޖަމުކުރުމާއި ބަނޑުގެ ދުޅަހެޔޮމަށް ބަލާލާއިރު، މި ބާވަތްތަކުން ތައްޔާރުކުރާ ޖޫހުގެ ސަބަބުން ހަޖަމު ކުރުމަށް ބޭނުންވާ އެންޒައިމްތައް އުފެއްދުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުގައި ހުންނަ ގެއްލުންދޭ ބެކްޓީރިއާ ނައްތާލުމަށްވެސް މަގުފަހިވެގެންދެއެވެ. މީގެ އިތުރުން ބަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
އިނގުރާއި ފެހިއާފަލާއި ލުނބޯ އަދި އަސޭމިރުސްކޮޅެއް މި ތިން ބާވަތް އެކުގައި ބޭނުން ކުރުމުން ލިބޭ ފައިދާތައް އިތުރު ވެގެންދެއެވެ. ހަށިގަނޑުން ވިހަ ތަކެތި ބޭރުކުރުމަށާއި، ހަޖަމު ކުރުމުގެ ނިޒާމު ސާފުކުރުމަށް މި ތިން ބާވަތް އެކުގައި ބޭނުން ކުރުމުން ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށް، ހަށިގަނޑަށް ބޭނުންވާ ހަކަތަ ވެސް ލިބިގެންދެއެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.
އެހެނީ މި 4 ބާވަތުން ތައްޔާރުކުރެވޭ ޖޫހުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށް، ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުމަށް މަގުފަހިވެގެންދެއެވެ. އަދި ކާހިތްވުން ކުޑަކޮށް، ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.
ތައްޔާރު ކުރާނެ ގޮތާއި ބޭނުން ކުރާނެ ގޮތް
- 1 ފެހިއާފަލު
- 1 ލުނބޯ
- 2 އިންޗީގެ އިނގުރު
- ދެއިނގިލިން ނެގޭވަރުގެ ކުޑަ އަސޭމިރުސްކޮޅެއް،
އާފަލާއި އިނގުރު އަދި ލުނބޯ ކުޑަކޮށް ކޮށާފައި މިކްސްޗަރުގައި ރަނގަޅަށް ގިރާލުމަށްފަހު، ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ، އަދި މައްޗަށް އަސޭމިރުސްކޮޅު އަޅައި އެއްކޮށްލާށެވެ. މިހާރު އެހެރީ "ހާއްސަ ޖޫސް" ތައްޔާރުކުރެވިފައެވެ.
މި ޖޫހުގެ ފައިދާ އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރެވޭނީ ދުޅަހެޔޮ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމާއެކުގައެވެ. ޚާއްސަކޮށް ހެނދުނު ނާސްތައިގެ ކުރިން ދުވަހުގެ ފުރަތަމަ ބުއިމަކަށް މި ޖޫސް ބުއިމުން ދުވަހުގެ މެޓަބޮލިޒަމް ރަނގަޅުވެ، ބަރުދަން ލުއިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.


