ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން 5 ރަށެއްގައި މިހާރު ބިނާ ކުރަމުން އަންނަ މިސްކިތްތަކުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މި މައުލޫމާތު އާންމުކުރެއްވީ ފ. ނިލަންދޫއާއި ތ. ދިޔަމިގިއްޔާއި ތ. ކަނޑޫދޫއާއި އައްޑޫ ސިޓީ މަރަދޫ އަދި ނ. މަނަދޫގައި ބިނާ ކުރަމުން އަންނަ މިސްކިތްތަކާ ބެހޭގޮތުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމު ކުރެއްވި މަޢުލޫމާތަށް ބަލާއިރު، މި 5 ރަށުގެ ތެރެއިން ނ. މަނަދޫގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ވަނީ ނިމި، ހުޅުވުމަށް ތައްޔާރުވެފައެވެ. މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ.
އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުން ބިނާ ކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ %80 މަސައްކަތް ނިމިފައިވާއިރު، ތ. ދިޔަމިގިލީގައި ބިނާ ކުރަމުން އަންނަ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތުގެ %80 ވަނީ ނިންމާފައެވެ. އެ އަތޮޅު ކަނޑޫދޫގައި ބިނާކުރަމުން އަންނަ 300 މީހުންގެ ޖާގައިގެ މިސްކިތުގެ %45 މަސައްކަތް ނިމިފައިވާކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.
ފ. ނިލަންދޫގައި ސަރުކާރުން ބިނާ ކުރަމުން އަންނަ 500 މީހުންގެ ޖާގައިގެ މިސްކިތުގެ %65 މަސައްކަތް ވަނީ ނިންމާފައެވެ. މި މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ނިމި، ހުޅުވޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުތައް ހިންގަމުންދާއިރު، އައު މަޝްރޫޢުތައް ފެށުމާއި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މި މިސްކިތްތައް ބިނާ ކުރަނީ އަންހެނުންނަށްވެސް ނަމާދު ކުރެވޭނެ ގޮތަށެވެ.

