މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު މާފަންނު ސަރަހައްދުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 304.73 ގުރާމުގެ އެއްޗަކާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ 41,500 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން އެކަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އަދި ދެން ތިބި ދެމީހުން ކަމަށްވާ ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ހަމަ އެ އެޑްރެހުގެ އަޙްނަފް އަޝްރަފް (27އ) ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި، މިފަދަ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

