މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ހާމަވެއްޖެއެވެ. އެ ރިޕޯޓްގައިވާ ގޮތުން، މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %88.8 އިތުރުވެފައެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 52،763 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 27،950 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %88.8 ގެ ފާހަގަކުރެވޭ ކުރިއެރުމެކެވެ.
ތަފްސީލަށް ބަލާއިރު، ތާޒާ އަދި ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 23،234 މެޓްރިކް ޓަނުގެ މަހެވެ. މިއީ %106.2 ގެ ބޮޑު އިތުރުވުމެކެވެ.
ކަނޑުމަސް ނުހިމަނައި، ފިނިކުރި ނުވަތަ ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ %10 އިތުރުވުމެކެވެ.
ޕްރޮސެސްކޮށްގެން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން 895 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 572 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %65 އިތުރުވުމެކެވެ.
ނަމަވެސް، މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. މި މުއްދަތުގައި 3،536 މެޓްރިކް ޓަނުގެ ދަޅު މަސް އެކްސްޕޯޓްކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 3،752 މެޓްރިކް ޓަނުގެ މަހެވެ. މިއީ %5.8 ގެ ދަށްވުމެކެވެ.

