ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާދާރުންގެ ކަންބޮޑުވުން އޮތް ހުޅުމާލޭ ސިޓީ ހޮޓަލް މަޝްރޫޢު، 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމަކަށް ބަދަލުކުރުމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މި ހޮޓަލް މަޝްރޫޢު އެޗްޑީސީއަށް ހަވާލުކުރުމަށް އެއްބަސްވެފައިވަނީ 20 މިލިޔަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެސްޓީއޯއިން ވިދާޅުވީ، މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމަނާނެކަމަށެވެ. އަދި މި އިޢުލާނު ކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ ސީޑީއޯއައި ރެގިއުލޭޝަންގެ ދަށުންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައި ފަސްތަރީގެ ހޮޓަލެއް ތަރައްޤީކުރުމަށް މިހާރު ސަރުކާރުން ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ޤައުމު ތަރައްޤީކުރުމުގެ އައު އިސްތިރާޖީ ތަޞައްވުރުގެ ބައެއްގެ ގޮތުން، “މަންހަޓަން ގްރޭންޑު” ގެ ނަމުގައި މި ހޮޓާ އަލުން ތަރައްޤީކުރާއިރު މިތަނުގެ 3 ފަންގިފިލާ އަދި އިތުރު ފަންގިފިލާއެއްގެ ބައެއް ޚާއްޞަ ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްވެ ވަޑައިގެންފައިވާ މުހިންމު 4 ވަޢުދެއް ފުއްދާ ދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިޔާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖެއް މިތަނުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވިފައިވާ ތަންތަން 5 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރަށް ޚާއްސަކުރެވިފައިވާ ތަންތަނުގެ އިތުރުން މި ހޮޓަލްގައި 158 ކޮޓަރިއާއި، ބެންކުއެޓް ހޯލަކާއި، މަލްޓި ޕާރޕަސް ހޯލަކާއި، ކޮންފަރެންސް ހޯލްތަކާއި، ސްވިމިންގ ޕޫލާއި، ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމާއި ސްޕާގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 12 މަސް ދުވަހުގެ ތެރޭގައި ހޮޓާ ފުރިހަމަކޮށް ޚިދުމަތަށް ގެންނަން އަމާޒު ހިފާފައިވާއިރު މި ހޮޓާ ވާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ އައު ޓާރމިނަލާ ގުޅާލެވޭ ބޭނުންތެރި މުހިންމު ސިޓީ ހޮޓަލަކަށެވެ. އެގޮތުން މި ހޮޓެލް ހުޅުވާއިރު 12 އެއަރލައިނެއް މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

