ސިވިލް ސާވިސް މުވައްޒަފުން ރިޓަޔަރކުރާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަދާކޮށްފައިވާ ވަޒީފާގެ މުއްދަތު، ޚިދުމަތުގެ މުއްދަތުގެ ތެރެއަށް ވެއްދުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ބުދަ ދުވަހު އާންމުކުރި ސަރކިއުލަރއެއްގައި ކޮމިޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ރިޓަޔަރކޮށް މުސްކުޅިކުރާއިރު ޚިދުމަތުގައި ހޭދަކުރި މުއްދަތު ގުނާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. މި ބަދަލާ އެކު، މުވައްޒަފަކު ސިވިލް ސާވިސްއިން ބޭރުގައި ދައުލަތުގެ ވަޒީފާއެއްގައި ހޭދަކުރި މުއްދަތުވެސް ޚިދުމަތުގެ މުއްދަތުގެ ތެރެއަށް ވަންނާނެއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައް ހިމެނޭނެ ކަމަށް ސަރކިއުލަރގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި އެޗްޑީސީ، އެމްޓީސީސީ، އާރްޑީސީ އަދި އެސްޓީއޯ ފަދަ ކުންފުނިތައް ހިމެނެއެވެ. މި ބަދަލާ އެކު، މި ކުންފުނިތަކުގައި ވަޒީފާ އަދާކުރުމަށްފަހު ސިވިލް ސާވިސްގެ ވަޒީފާއާ ގުޅިފައިވާ މުވައްޒަފުންނަށް، އެ ކުންފުނިތަކުގައި ހޭދަކުރި މުއްދަތު ޚިދުމަތުގެ މުއްދަތުގެ ތެރެއަށް ލިބިގެންދާނެއެވެ.
މި ބަދަލާ ގުޅިގެން، މިހާރު ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން، ކުރިން ދައުލަތުގެ އިދާރާއެއްގައި ނުވަތަ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް، އެ މަޢުލޫމާތު ސީއެސްވިއުގައި އަޕްޑޭޓްކުރުމަށް ކޮމިޝަނުން އަންގާފައިވެއެވެ. މި މަޢުލޫމާތު އަޕްޑޭޓްކުރަންވާނީ މުވައްޒަފު މަސައްކަތްކުރާ އިދާރާ މެދުވެރިކޮށް، ސީއެސްވިއުގައިގެ “އެކްސްޕީރިއެންސް” ބައިގައެވެ.
މީގެއިތުރުން، ކޮމިޝަނާއި ކޮމިޝަނުގެ ދަށުން ހިނގާ އިދާރާތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ފަސޭހަކުރުމުގެ ގޮތުން، އީފާސް މެދުވެރިކޮށް ވަދެވޭ އެކައުންޓެއް މިހާރު ވަނީ ޤާއިމްކޮށްފައެވެ. މި އެކައުންޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތްވެސް ވަގުތުން ބެލޭނެއެވެ.

