ތައިލެންޑްގައި މިހާރު ކުރިއަށްދާ އެތުލެޓިކްސް ޓްރެއިނަރުން ތަމްރީނުކުރާ ޓްރެއިނިންގ ގައި ބައިވެރިވެ ކޯޗް ހުސައިން ރައުހަތު ޤުދުރަތުﷲ ސިދުޤީ ތަމްރީން ފުރިހަމަ ކުރަން ފަށައިފިއެވެ.
ހުވަދޫ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އެތުލެޓިކްސް އެސޯސޮއޭޝަންގެ ޖެނެރަލް ސެކްރަޓަރީ އަހުމަދު މުންތަޤީމް ވިދާޅުވީ "ކިޑްސް އެތުލެޓިކްސް ޓްރެއިން ދަ ޓްރެއިނަރ ވޯރކްޝޮޕް" މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިރު މި ތަމްރީނަކީ މުޅި އޭޝިއާ އަށް ހުޅުވާލައިގެން ކުރިައަށްދާ ތަމްރީނެއް ކަމަށާއި މިގޮތަށް ކުރިއަށް ތަމްރީނު ތަކަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމު ތަމްރީނެއް ކަމަށެވެ. މިފަދަ ހައި ލެވެލް ގެ ތަމްރީންތައް ފުރިހަމަ ކުރުމަށްފަހު ރާއްޖޭގެ ކޯޗުން ތަމްރީނު ކުރަން ފެށުމުން މިހާރަށްވުރެ ރަނގަޅު ވެގެން ދާނެ ކަމަށްވެސް މުންތަޤީމް ވިދާޅުވިއެވެ.
އެތުލެޓިކްސް އޝިއާ އޭރިއާގެ ޖަކާޓާ ސެކްރަޓްރީ ރިއާސްޓުޓީ ވިދާޅުވީ މި ތަމްރީނަކީ އޭޝިައާގެ ސައުތު އީސްޓް އަދި ސައުތު އޭޝިއާގެ ފައުންޑޭޝަން ލެވެލް އިތުރަށް ވަރުގަދަ ކުރުމަށް ހިންގާ ތަމްރީނެއް ކަމަށެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަދި އެތުލެޓިކްސްގައި ރާއްޖޭގެ އެންމެ ކުރީ ސަފުގަ ހަރަކާތްތެރިވާ ރައުހަތު ސްޕޯޓްސްގެ ފައުންޑަރ ރައުހަތު އަކީ އެތުލެޓިކްސްގައި ވަރަށް ކާމިޔާބު ރާއްޖޭގެ ޤައުމީ ކޯޗެކެވެ.
ދިވެހި ރާއްޖެއަށް ބަލާއިރު އެތުލެޓިކްސްއަކީ އެހެން ކުޅިވަރު ތަކަށްވުރެ ކާމިޔާބީތައް ގިނަ ، މުޅި ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާ ކުޅިވަރެއް ކަން ފާހަގަ ކުރެވެއެވެ.

