ދުނިޔޭގެ އެކި ހިސާބުތަކުގައި ބްލަޑް މޫން ފެންނާނެ ކަމަށް ލަފާކޮށްފައިވާއިރު އެންމެ ފުރިހަމައަށް ބްލަޑް މޫން ފެންނާނެ އެއް ގައުމަކީ ރާއްޖެ ކަމަށް ފަލަކީ އިލްމުވެރިން ލަފާކޮށްފިއެވެ.
އަންނަ އާދިއްތަ ދުވަހު ހިފާ ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެ ކަމަށް ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ރާއްޖެ ގަޑިން ރޭގަނޑު 11:12 ގައި ހަނދު ހުންނާނީ މަލޭ އޮންނަ ޠޫލު (ލޮންޖިޓިޔުޑް) އަށް ވުރެން 13 ދަރަޖަ އިރުމަތީގައި ކަމަށެވެ. އަދި ހަ ދަރަޖަ ދެކުނު ޠޫލު (ލެޓިޓިޔުޑް) އެއްގައި ކަމަށްވުމުން ހަނދު ފެންނާނީ މާލެއަށް މެދު އުޑުގައި ހުންނައިރު ހުންނަ ފަދަ ގޮތެއްގައި މެދުއުޑާ ދާދި ކައިރީގައި ކަމަށެވެ.
އޭނާ ލާފަކުރައްވާގޮތުގައި ލޮލަށް ފެންނަ ކޭތަ ހިފަން ފަށާ ވަގުތަކީ ރާއްޖެ ގަޑިން 9:27 އިން ކަމަށާއި އަދި ކޭތަ ވީއްލާ ގަޑިއަކީ 12:56 ކަމަށް ވަނީ ލަފާކޮށްފައެވެ.
ފުރިހަމަ ހަނދުކޭތައަކީ، އިރާއި ދުނިޔެއާއި ހަނދު އެއް ސީދާ ރޮނގަކަށް އައުމުން، ހަނދު ދުނިޔޭގެ ހިޔަލުގެ ތެރެއަށް ވަދެ، ހަނދު އަނދިރިވާ ނުވަތަ ނިވާވާ ފަލަކީ ހާދިސާއެކެވެ.

