ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ތެރެއިން މާލީ ބަޔާން ނުފޮނުވާ މެންބަރުންނަށް މަޖިލީސް އިދާރާ އިން ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ފަށާފައިވާއިރު، އިދާރާގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މާލީ ބަޔާން ނުފޮނުވާ މެންބަރުންނަށް މަޖިލީސް އިދާރާ އިން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ނިންމީ މެންބަރުންގެ މާލީ ޙާލަތު ރައްޔިތުންނަށް އެނގި ނަޒާޙަތްތެރި ކަމަށް ފުރުސަތު ފަހިކުރުމުގެ ގޮތުންނެވެ.
މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ލާޒިމުކޮށް އެ ނިންމުން މަޖިލީހުން ނިންމީ މިދިޔަ އަހަރުއެވެ. މާލީ ބަޔާން ހުށަނާޅަނީ ފަސް މެންބަރެކެވެ. އަނެއް 88 މެންބަރުން ވަނީ މާލީ ބަޔާން ހުށައަޅާފައެވެ.
ޢާންމުކުރި މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންގެ މާލިއްޔަތުގައި މިލިއަނުން ފައިސާ އެބަ ހުއްޓެވެ. ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި އެސެޓްގެ ގޮތުގައި ސައިކަލާއި ކާރާއި އެ ނޫން ބައެއް ވެހިކަލްތަކާއި ފްލެޓާއި ރޯ ހައުސް އެބަހުއްޓެވެ.

