ފުރަތަމަ ފަހަރަށް އަތޮޅު ހޮސްޕިޓަލެއްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް، ހއ.އަތޮޅު ހޮސްޕިޓަލްގައި ފަށައިފިއެވެ.
މިއީ ވާހަކަދެއްކުމުގައި ދަތިތައް ދިމާވާ ކުދިންނާއި މީހުންނަށް ދޭ ތެރަޕީއެކެވެ.
ސްޕީޗް ތެރަޕީގެ ޚިދުމަތް އަތޮޅުތެރޭގައި މިހާތަނަށް ޤާއިމުކޮށްފައިވަނީ ރީޖަނަލް ދެ ހޮސްޕިޓަލެއްގައެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައެވެ. ނަމަވެސް ހއ.ދިއްދޫގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމާއެކު، މި ޚިދުމަތްވެގެންދަނީ އަތޮޅު ހޮސްޕިޓަލެއްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ހޮސްޕިޓަލަށެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން މިހާރު ވަނީ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލާފައެވެ. ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާކޮށްފައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް މިޚިދުމަތަށް ރަޖިސްޓްރީކުރެވޭނެއެވެ.
މިޚިދުމަތް ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ލިބޭނެއެވެ. ސްޕީޗް ތެރަޕީގެ ފަރުވާ އެންމެ ގިނައިން ހޯދަނީ، ހެދިބޮޑުވާއިރު ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުޑަކުދިންނަށެވެ.

