ކާމިޔާބު ދިވެހި ފިލްމް “ކަމަނާ” ގެ ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ފިލްމް “ކަނބުލޮ” ބެލުމަށްފަހު އެ ފިލްމަށް ގިނަބައެއްގެ ތަޢުރީފު އޮހެންފަށައިފިއެވެ.
ދިވެހި ސިނެމާގެ ތާރީޚުގައި ފާހަނގަ ކޮށްލެވޭ ޕްރިމިއާރ އަކަށްފަހު ހައުސްފުލް ޝޯތަކެއް ދައްކަމުންދާ “ކަނބުލޮ” ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އެގޮތުން ބެލުންތެރިން ވަނީ ފިލްމާއިމެދު ދެކޭގޮތް ހިއްސާކޮށްފައެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.
އޮލިމްޕަސް ޓިކެޓް ކައުންޓަރުން ފިލްމްގެ ޓިކެޓް ވިއްކަމުންދާއިރު، ރޭގަނޑު 8:30 ގެ ޝޯގެ އިތުރުން ބަންދުވަސްތަކުގެ 11:30 ގެ ޝޯތައް ހުޅުވާލާއި ޓިކެޓް ވިއްކަން ފަށައިފައިވާކަމަށް ސެޓާން ސްޓޫޑިއޯގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެއެވެ.
ފިލްމު އެޅުވި އިރުވެސް ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާ މި ފިލްމު ސަތޭކައަށްވުރެ ގިނަ ރަށާއި ބައެއް ރިޒޯޓްތަކާއި އަވަށްޓެރި ޝްރީލަންކާގައިވެސް ފިލްމު އަޅުވާނެ ދުވަސްތައް ވަނީ މިހާރު އިއުލާންކޮށްފައެވެ. އަދި ފިލްމްގެ ތަރުހީބު ބޮޑުވުމުން އިތުރު ޝޯތައް ހަފްތާ ބަންދު ދުވަސްތަކާއި ދިމާކށް ދަންވަރުގެ ޝޯތަކަށްވެސް ވަނީ ހުޅުވާލާފައެވެ.
“ކަނބުލޮ” ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު “ޔުކްތާ” ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މިހާރު އޮލިމްޕަހުގައި ހައުސްފުލް ޝޯތައް ދައްކަމުންދާ މިފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް “ކަމަނަ” ފިލްމުގެ ޕްރޮޑިއުސާރ އަލީ ޝާނިޒް މުހައްމަދުއެވެ.

