ނޭޕާލްގައި ފޭކު އައިޑީތައް ބޭނުންކޮށްގެން ނަފްރަތު އުފެއްދުމާއި ސައިބާ ކްރައިމްގެ ކުށްތަކަށް އަރައިގަތުމުގެ އަމަލުތައް މުޖުތަމައުގައި ގިން ވަމުންދާތީ ރަޖިސްޓްރީ ނުކޮށް ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރަން ނިންމައިފި
ނޭޕާލްގެ ސަރުކާރުން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެގައުމުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކުރަން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާ ކުންފުނިތަކަށް ރަޖިސްޓްރީވާން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ދީފައެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ކުންފުނިތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އެގައުމުގައި ބްލޮކް ކުރަން ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މީސްމީޑިއާއަށް މައުލޫމާތުދެމުން ވިދާޅުވީ ރަޖިސްޓްރީކުރަން ދިން މުއްދަތުގައި ޓިކްޓޮކް އާއި ވައިބާ ފަދަ ތަންތަނުން އެކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް ހިމެނޭ ކަމަށެވެ.

