ރިސޯޓެއްގައި މަރުވި 21 އަހަރުގެ ޒުވާނާގެ އޮޓޮޕްސީ ހަދައި، ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފިއެވެ.
ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ކ. ގުރައިދޫ، ތަނޑިރަތްމާގެ، އުމުރުން 21 އަަހަރުގެ އަދީލް އަހުމަދުއެވެ.
އެ ދުވަހުން ފެށިގެން އޮޓޮޕްސީ ހެދުމާއި ހަމައަށް ޒުވާނާގެ ހަށިގަނޑު އޮތީ މޯޗަރީގަ އެވެ. ޒުވާނާގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް މޯޗަރީގައި ބާއްވާތީ އެކަމާ އާއިލާ އިން ކަންބޮޑުވުން ފާޅުކުރިއެވެ.
އަދީލްގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނެސް ވަޅުލީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާގައެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު އިއްޔެ އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ.

